ސްކޭޓް މޯލްޑިވްސްގެ 2023 އަދި 2024 ވަނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ސްކޭޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރެޖިސްޓާކޮށްފައިވާ ސްކޭޓިން އާ ބެހޭ ގައުމީ މުއައްސަސާ އެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން ސްކޭޓް މޯލްޑިވްސްއަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެ އެސޯސިއޭޝަނުން މިހާރު ދަނީ ދެވަނަ އިންޓަނޭޝަނަލް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕް ބާއްވަމުންނެވެ. މި މަހުގެ 11 އިން 13 އަށް މާލެ އުސްފަސްގަނޑު އަދި ހުޅުމާލެ މުބާރާތް ސަރަހައްދުގައި ކުރިއަށްދާ މި ކުލަގަދަ އިވެންޓުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ސްކޭޓަރުން ވެސް ބައިވެރިވާނެ އެވެ.

"ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށްވެ، ރޯލާ ސްކޭޓިން ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އެސޯސިއޭޝަންއާއި ގުޅިގެން މި ކުޅިވަރު ކުރިއަރުވައި އައު ޖީލެއްގެ ޤައުމީ ފެންވަރުގެ އެތުލީޓުން ތައާރަފް ކުރުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

"މުޖުތަމަޢުގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރަން. މި ޕާޓްނަރޝިޕް މެދުވެރިކޮށް އެ ކުންފުންޏާ ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވި އެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.