މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ރޭ 8:30 ގަ އެވެ.

އެ ބޯޓަށް މަރުހަބާ ކިޔާފައި ވަނީ ހާއްސަ ވޯޓަ ސެލިއުޓްއަކުންނެވެ. ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި، 57 ފަސިންޖަރުން ރާއްޖެ އައިސްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ބަޓިކް އެއާއިން ރާއްޖެއާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަތުރުތައް ބާއްވާނެ ކަމަށެވެ. އަދި މި ދަތުރުތައް ރާވާފައި ވަނީ ރާއްޖެއިން ސްރީލަންކާއަށް އަށް އޭގެ ފަހުން މެލޭޝިއާއަށެވެ. އަދި ސީދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގަ އެވެ. ރާއްޖޭއާއި މެލޭޝިއާ އާ ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މެލޭޝިޔާގެ ބަޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ރޭ ރާއްޖެ އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް

މީގެ ކުރިން މަލިންޑޯއެއާގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއާލައިން ބަޓިކް އެއާއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެ އެއާލައިންވަނީ ހާއްސަ ޕްރޮމޯޝަންތަކާއެކު ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއާއިން ބޭނުންކުރާނީ ބޮއިން 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ބަޓިކް އެއާއިން މެލޭޝިއާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން 50 މަންޒިލަކަށް ދަތުރުތައް ބާއްވަ އެވެ. އެގޮތުން މިމަންޒިލްތަކުން ރާއްޖެއަށް ފަސޭހަކަމާއެކު ދަތުރުވެރިންނަށް އައުމުގެ މަގު ފަހިވެގެންދާނެ އެވެ. ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވެގެން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ބަޓިކް އެއާގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވާޖިން އެޓްލާންޓިކް މިއަހަރު ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ނިންމާފައިވެ އެވެ.