ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ކުޅުއްދުށީ އެއާޕޯޓް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރޭގަނޑު ދަތުރުތައް ފެށުމަށްޓަކައި ކުޅުދުއްފުށީ އެއާޕޯޓްގައި ލައިޓް ހަރުކޮށް މިހާރު ނިމިފައިވާއިރު ރޭ ޓެސްޓް ފްލައިޓް ޖައްސާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މިއީ ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރީ ތިބި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެ މަގުން ދަތުރު ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހިންގަމުންގެންދާ ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ލައިޓް ހަރުކުރުމުގެ މަސައްކަތްކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި އެދެ އެއާޕޯޓަށްވެސް ރޭގަނޑު ދަތުރުތައް ފެށިގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓުން ބުނެ އެވެ.

ކުޅުދުއްފުށި އެއާޕޯޓާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހިންގަމުންގެންދާ އެއާޕޯޓު ތަކުގެ ތެރެއިން ރޭގަނޑު ހިދުމަތްދޭ އެއާޕޯޓުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ކުޅުދުއްފުށި އެއާޕޯޓާއި، ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ފުވައްމުލަކު އެއާޕޯޓެވެ.