ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލު މަރާމާތުކޮށް ތަރައްގީކޮށްފި އެވެ.

މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައި ވަނީ ފެންފުށީގެ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ.

މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުންނަ ކަމަށެވެ. އެހެންކަމުން މި ޕްރޮޖެކްތުގެ ދަށުން އެ ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކަށްވީ ޕާކު ތަރައްގީކޮށް ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖަމިއްޔާގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން. މި ފުރުސަތުގައި ބީއެމްއެލްއިން މުޖުތަމައިގެ ލާބައާއި މަންފާ އަށް ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކުރަން،" އަހުމަދު ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.