ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާ އަކަށް 40 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލްގެ ބޯޑުން ބަހަން ނިންމާފައި ވަނީ 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 40 ރުފިޔާގެ މަގުން 215،276،800 ރުފިޔާ އެވެ.

ބީއެމްއެލް އިން ބުނީ ހިއްސާގެ ފައިދާގެ ގޮތުގައި 40 ރުފިޔާބެހުމަށް ނިންމީ، ބޭންކަށް 40 އަހަރު ފުރުމާއި ގުޅިގެން އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާ އަދި އިތުރު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ ކަމަށެވެ.

އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 20 ރުފިޔާގެ މަގުން ޖުމްލަ ސަތޭކަ ހަތް މިލިއަން ހަސަތޭކަ ތިރީސް އަށްހާސް ހަތަރުސަތޭކަ ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ. އަދި އިންޓަރިމް ޑިވިޑެންޑް ލިބޭނީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ހިއްސާ ބަހަން ކަނޑައަޅާ އަދަދު ފާސްކުރާނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި އޮންނަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގަ އެވެ.