ހުޅުމާލެ ފޭސް ދޭއްގައި ފިއުލް ޝެޑް ހަދައި، ހިންގާނެ ފަރާތެއް ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެ ފޭސް ދޭއްގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި، އެ ސަރަހައްދަކީ މުސްތަގުބަލުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންތަކެއް އާބާދު ވާނެ ސަރަހައްދަކަށް ވާތީ، ފޭސް ދޭކަށް ބަދަލުވާ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފޭސް ދޭއްގައި ދެ ޕެޓްރޯލް ޝެޑެއް ގާއިމްކޮށް ހިންގާނެ ފަރާތެއް ހޯދުމަށްވަނީ އިއްޔެ އިއުލާންކޮށްފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ވަނީ ޒަމާނީ ފެންވަރެއްގައި ޕެޓްރޯލް ޝެޑް ހެދުމަށް ހުޅުމާލޭ ފޭސް ދޭއްގެ ޕްލޮޓް 7،327.20 އަކަފޫޓު ބިމަކާއި 10،179.31 އަކަފޫޓު ބިމެއް ދޭން ނިންމައިފަ އެވެ. މިގޮތުން 7،327.20 އަކަފޫޓު ބިމުގައި ގާއިމްކުރާ ޕެޓްރޯލް ޝެޑްގެ އިތުރުން ކާރު ދޮވުން ހިމެނޭ ގޮތަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ދެވަނަ ބިމުގައި ހަދާ ޕެޓްރޯލް ޝެޑްގައި ހަން ބެއްދުން އަދި ފުރޮޅު ބަދަލުކުރުން ފަދަ ކުދި މަރާމާތު މަސައްކަތް ކުރެވޭނެ ގަރާޖެއް ހިންގުމަށް ކަނޑައެޅިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެތަނުގައި ހަދާ ދެ ޕެޓްރޯލް ޝެޑުން ވެސް ސެލްފް ސާވިސްގެ ހިދުމަތާއި ފުރޮޅަށް ވައި ޖެހޭނެ އިންތިޒާމު ހަމަޖެހޭ ގޮތަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ފެބްރުއަރީގެ 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއާ ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ޕްރޮޕޯސަލް މީޓީން މިމަހުގެ 18 ވަނަ ދުވަހުގެ 2:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އާރުއެފްޕީއާ ބެހޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުންނާއި މައި ހުޅުމާލޭ ޕްރޮޕަޓީސް ވެބްސައިޓުން ލިބޭނެ އެވެ.