އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހު 31 ގައި ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ ހުޅުމާލެ ސެންޓަރަލް ޕާކްގައި މިއަހަރުގެ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ޖަލްސާ އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މީގެ އިތުރުން މިޖަލްސާގައި އޮންލައިން މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ http://portal.sto.mv ގައި ރަޖިސްޓްރީ ކުރުމުން ކަމަށެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. މިއީ 2021 ވަނަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %79 އިތުރު އަދަދެކެވެ.

އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 77ރ. ގެ މަގުން ބަހާށެވެ. މި ނިންމުމަށް އަމަލު ކުރެވޭނީ އެ ކުންފުނިން އެންމެ އަވަހަށް ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެގޮތަށް ފާސްކޮށްގެންނެވެ.