ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ އައިއެސްޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އައިއެސްޑީބީގެ ފަރާތުން ސޮއި ކުރެއްވި އެ ބޭންކުގެ ރައީސް މުހައްމަދު އަލް ޖާސިރު އެވެ. .

މި އެއްބަސްވުމުގެ ދަށުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ދެއްވުމަށް އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތަށް ގާއިމްކުރައްވާ މި ފަންޑުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީތައް ކުރިއަރުވަން ބޭނުންވާ ފައިސާއާއި ފަންނީ އެހީތެރިކަން ދެއްވާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ފަންޑު ޤާއިމްކުރެއްވުމަށް އައިޑީބީން 40 މިލިއަން ޑޮލަރު ނުވަތަ 616 މިލިއަން ރުފިޔާގެ ކެޕިޓަލެއް ދޭނެ ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކުގެ ފައިދާއިން ފަންޑު އިތުރަށް ފުޅާކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ފަންޑު ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ންނެވެ.

"އެސްއެމްއީ އިމްޕެކްޓް ފަންޑު ގާއިމްކުރުމަށް ބޭނުންވާ ޑިއު ޑިލިޖެންސް ފުރިހަމަކޮށް، ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި މި ފަންޑު ހިންގަން ފެށުމަށް އައިއެސްޑީބީ އާއި ދިވެހި ސަރުކާރުން ގުޅިގެން މަސައްކަތް ކުރާނެ،" އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެސްއެމްއީތަކަށް މިވަގުތު ކުރިމަތިވާ އެކިއެކި މާލީ އަދި ފަންނީ ދަތިތަކަށް އައިޑީބީއާ ގުޅިގެން ގާއިމްކުރާ އެސްއެމްއީ އިމްޕެކްޓް ފަންޑުން އެހީތެރިކަން ލިބޭނެ ކަމަށެވެ.