ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 64.8 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފާސްކޮށްފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރަޙައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި، ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެންނެވެ.

ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު- ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއު ގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އެ ބޭންކުން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ލިބެން ހުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމާއި މަހުގެ ސްޓޮކް ހުރި މިންވަރު ދެނެގަތުން ހަރުދަނާކުރުމަށް މަސައްކަތްކުރާނެ އެވެ. އަދި ވަކި އަމާޒުތަކަކަށް ވާސިލްވެވޭ ގޮތަށް ގާބިލިއްޔަތުކަން އިތުރުކުރުން، އަދި ސަރަޙައްދީ ފެންވަރުގައި މަސްވެރިކަން ބެލެހެއްޓުމަށް ކުރެވޭ އެހެނިހެން ކަންކަމާ ގުޅިލާމެހިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަންކުރަން މަސައްކަތް ކުރެވިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެއާއި ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު- ޒާވޮސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ރާއްޖޭން ހޯދާފައިވާ ހަރުދަނާ ކާމިޔާބީ އަކީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމާއި މެރިކަލްޗާ އަދި އެކުއަކަލްޗާ ފަދަ ގުޅުންހުރި ދާއިރާތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ގޮތަށް ހުރި ކަންކަމާއި އިންވެސްޓްމަންޓާއި، ވިޔަފާރީގެ މާހައުލުގައި ހުރި ބަލިކަށިކަމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޤާއިމްކޮށްފައިވާ މުހިންމު ގުޅުމުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެއް ކަމަށް ވެސް ފާރިސް އެޗް ހަދާދު- ޒާވޮސް ވިދާޅުވި އެވެ.

މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 64.8 މިލިއަން ޑޮލަރެވެ.

އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، އެ ގޮފިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.

ވޯލްޑް ބޭންކުން ބުނީ މި މަޝްރޫއުގެ ދަށުން، މަސްވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގައުމީ ފެންވަރުގައި ގާބިލުކަމާއި ހުނަރު ތަރައްގީކޮށް، ގުޅުންހުރި ގަވާއިދުތައް އެކުލަވާލެވިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ، ޚާއްސަކޮށް މި ސަރަޙައްދުގެ ޖަޒީރާ ގައުމުތަކުގެ އިލްމާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ސަރަޙައްދީ މަރުކަޒެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިވުން ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން، ތިމާވެއްޓާ ރަށްޓެހި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ވިޔަފާރި ފުޅާކުރުމުގެ އުސޫލުތަކެއްގެ ތެރެއިން މަސްވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތައް ފުޅާކޮށް، ތަރައްގީކުރުން ހިމެނެ އެވެ.

ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ކަނޑު ރާއްޖެއާއި އިތުރު 11 ގައުމަކުން ހިއްސާކުރެ އެވެ. އޭގެ ތެރޭގައި ޖަޒީރާ ގައުމުތައް ކަމަށްވާ މަޑަގަސްކަރަ، މޮރިޝަސް އަދި ސީޝެލްސް ފަދަ ގައުމުތައް ހިމެނެ އެވެ.