މިިދިޔަ އޭޕްރީލް މަހު އިމްޕޯޓްކުރި މުދަލުގެ އަދަދާއި އާމްދަނީ ވެސް ދަށަށް ވެސް ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލް މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވި ނަމަވެސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް ކުރި އަދަދާއި ދައުލަތައް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި އަދަދު ވަނީ 4.5 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އެހެންކަމުން މިއީ %4 ދަށް އަދަދެކެވެ.

މިއަހަރުގެ އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު %16 ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު 361 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި އަދަދު ވަނީ 305 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއިން 193 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު މި އަދަދު އުޅުނީ 186 މިލިއަން ރުފިޔާގަ އެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ގައުމުތައް:

  • ތައިލޭންޑް - %45
  • އިނގިރޭސިވިލާތް - %18
  • ޖަރުމަން - %11
  • މޮރިޝަސް - %6
  • އިންޑިއާ - %5

ރާއްޖެއިން އާންމުގޮތެއްގައި އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލް މަހު މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ސްކިޕްޖެކް ޓޫނާ އެވެ. މި ބާވަތުގެ މަހުން 100 މިލިއަނަށް ވާ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ގައުމުތައް:

  • އިންޑިއާ - %17
  • އޮމާން - %16
  • ޔޫއޭއީ - %13
  • ޗައިނާ - %11
  • ސިންގަޕޫރު - %10

މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން މިބާވަތުން އިމްޕޯޓްކުރި މުދަލުގެ އަގު 838 މިލިއަނަށް އަރަ އެވެ. ދެން އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކެއުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކެވެ. އެގޮތުން 816 މިލިއަން ރުފިޔާގެ ކާބޯތަކެތި ހުސްވި އޭޕްރީލް މަހު ވަނީ ރާއްޖެ ގެނެސްފަ އެވެ.

މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއިން ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންގެ އަދަދަކީ 20،058 އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު މި އަދަދު އުޅުނީ 18،861 ގަ އެވެ.

ރާއްޖެއިން ބޭރުން މިދިޔަ އޭޕްރީލް މަހު ރާއްޖެ އައިސްފައިވަނީ 3 އުޅަނދެވެ. 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އައިސްފައިވަނީ 6 އުޅަނދުކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.