ހުޅުމާލޭގައި ހެދި ސްމާޓް ޕާކިން ޒޯނުގެ ޕާކިން ޖާގަތައް ކުރިމަތިލުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފި އެވެ.

އާބަންކޯއިން ބުނީ ސްމާޓް ޕާކިން ޒޯނުގައި ކާރަށް ހާއްސަކޮށްފައިވާ މި ޕާކިން ޖާގަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖާގަ ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ އެ ދުވަހުގެ މެންދުރު ފަހު 2:30 ގައި ކަމަށް އެކުންފުނިން ބުނެ އެވެ.

އާބަންކޯ އިން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1516 އިން ލިބޭނެ ކަމަށެވެ.

ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯނަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ ސްމާޓް ޕާކިން ޒޯނެކެވެ.

މި ސްމާޓް ޕާކިންގައި ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ އެވެ.

މިގޮތަށް އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމްއެލް) މި ޕާކިން ސިސްޓަމްތަކުން ބޭނުންކުރާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

"މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެ. މީގެ އިތުރުން މި ޒޯނުގައި ޕާކުކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައުވީސް ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެ،" އެ ކުންފުނިން ބުނެ އެވެ. "ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކުކުރަން އަދި ދިގު މުއްދަތަށް ޕާކުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ،"

އާބަންކޯ އިން ބުނީ ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ފިތުރޯނު ޕާކިން ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތައާރަފުކުރެވި، ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމަށް ވެސް އާބަންކޯއިން ބުނެ އެވެ.