ކްރޮސް ސަބްސިޑީ އުސޫލުން ދާލު އެއާޕޯޓާއި ޅ. މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގެ ދަށުން ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ރާއްޖޭގެ 6 ސަރަޙައްދެއްގައި ތަރައްގީކުރާ އެއާޕޯޓްތަކާއި، މިހާރު ހުރި ބައެއް އެއާޕޯޓްތައް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރެއްވުމަށް އެކަމަށް ބޭނުންވާ ފައިސާ ހޯދަން ހުޅުވާލައްވާފަ އެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކަކީ ދައުލަތުގެ އާންމު މަންފާއަކަށް ނުވަތަ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގަވާ މަޝްރޫއުތަކެކެވެ. މި ގަރާރުގައި ވާގޮތުން މަންޓާ އެއާލައިންގެ ހިއްސާދާރު ސަންޖޭ މަނިކުގެ ރިއޮލޯ މޯލްޑިވްސް އިން ތަރައްގީކުރި ދާލު އެއާޕޯޓާއި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އަދި ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ހޯލްޑިންގްސް އިން ހެދި ޅ. މަޑިވަރު އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ކުރެވޭ އެންމެ ކުޑަ އަގަކީ 5 މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ އެވެ.

މި ދެ އެއާޕޯޓުގެ އިތުރަށް އިތުރު އެއާޕޯޓްތައް ވެސް ކްރޮސް ސަބްސިޑީގެ އުޞޫލުން ތަރައްގީކުރައްވަން މީގެ ކުރިން ވެސް ރައީސްގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ފ. މަގޫދޫ، ތ. ވިލުފުށީ އަދި ރ. އަތޮޅު ދެކުނު ބިތުގައި ސަރުކާރުން ތަރައްގީކުރާ އެއާޕޯޓް ހިމެނެ އެވެ.

މީގެ އިތުރުން ކައްދޫ އެއާޕޯޓާއި، މަޑިވަރު އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމާއި، މާފަރު ބައިނަލްއަގުވާމީ އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ހިމެނެ އެވެ. ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރު ފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީކުރަން ވެސް ފައިނޭންސް ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ.