ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އާބަންކޯ އިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ބީލަމުގެ އުސޫލުން ދޫކުރުމަށް ޖުމްލަ 10 ޖާގަ ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ފެށޭ އަގަކީ 1،500 ރުފިޔާ އެވެ. އަދި މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ޕާކު ކުރަން ބޭނުންވާ ކާރުވުން ހިމެނެ އެވެ. އަދި އެފަރާތަކީ އާބަންކޯ މިވަގުތު އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނި. މިތަނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އާބަންކޯ އިން ވަނީ ހުޅުވާލާފައި. ފޮޓޯ: އާބަންކޯ

މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓް، އަދި އެ ނެއިބަހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައިވެ އެވެ. މި ބީލަމާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.

"މިކަމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލޭގައި ފަސޭހަ ކަމާއި އަދި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުން. ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އާބަންކޯއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން،" އާބަންކޯ އިން ބުނެފައިވެ އެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނި. މިތަނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށްދިނުމަށް އާބަންކޯ އިން ވަނީ ހުޅުވާލާފައި. ފޮޓޯ: އާބަންކޯ

އެ ކުންފުނިން ވަނީ ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ސޮލިއުޝަން މި ހަފުތާގެ ތެރޭގައި ތައާރަފު ކޮށްފަ އެވެ.

ފުރަތަމަ ސްމާޓް ޕާކިން ޒޯންގެ ގޮތުގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯނު ހުޅުވައި، އިތުރު ސްމާޓް ޕާކިން ޒޯނުތައް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނެ އެވެ.