ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާފަރު އަދި މިލަދޫގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އިއްޔެ ފެށި މި ހިދުމަތާއެކު މިވަގުތު ނ. އަތޮޅު ކެނދިކުޅުދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެމުންދާއިރު، މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ދަނީ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ވެސް ކުރަމުން އަންނަ އިންވެސްޓަމަންޓް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުން ކަމަށެވެ.

ބީއެމްއެލް އިން ނ. މާފަރުގައި ބެހެއްޓި ސެލްފް ސާވިސް ބޭންކިން ސެންޓަރު. ފޮޓޯ: ބީއެމްއެލް

"އަޅުގަނޑުމެންގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު މި ރަށްތަކުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އިގްތިސޯދަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަ އާކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.