ތެލުގެ ބޮޑު ރިޒާވެއް އޮންނަ ނައިޖީރިއާގައި، އެފްރިކާގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ރިފައިނަރީ އެ ގައުމުގެ ރައީސް މުހައްމަދު ބުޚާރީ އިއްޔެ ހުޅުވައި ދެއްވައިފި އެވެ.

އެފްރިކާގެ އެންމެ ބޮޑު މަހުޖަނު ކަމަށްވާ ނައިޖީރިއާގެ އަލިކޯ ޑަންގޮޓޭ ބިނާ ކުރެއްވި މި ރިފައިނަރީގެ ސަބަބުން ނައިޖީރިއާ އަށް ދިމާވެފައިވާ ޕެޓްރޯލުގެ ދަތިކަމަށް ހައްލު އަންނާނެ ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ އެއް ގައުމު ނައިޖީރިއާގައި މިހާތަނަށް އެ ގައުމަށް ބޭނުންވާ މިންވަރަށް ތެޔޮ ސާފުކުރެވޭނެ ފަދަ ވަސީލަތެއް ގާއިމުވެފައެއް ނެތެވެ. އެ ގައުމުން ނަގާ ތެޔޮ ސާފުނުކުރާ ތެލުގެ ގޮތުގައި ގައުމުން ބޭރުކުރުމަށް ފަހު ބޭނުންވާ ޕެޓްރޯލް އިމްޕޯޓް ކުރަންޖެހެ އެވެ. އެހެންކަމުން ނައިޖީރިއާއިން ނަގާ ތެލުގެ މާބޮޑު ފައިދާއެއް ގައުމަކަށް ނުކުރެ އެވެ.

ގާތްގަނޑަކަށް 19 ބިލިއަން ޑޮލަރު ޚަރަދު ކޮށްގެން ވިޔަފާރި ވެރިޔާ ޑަންގޮޓޭ މި ބިނާކުރެއްވި ތެޔޮ ސާފުކުރާ ރިފައިނަރީއިން ދުވާލަކު 650،000 ފީފާގެ ތެޔޮ ސާފުކުރެވޭނެ ކަމަށް ބެލެވެ އެވެ. އެ ގައުމުގެ އިގުތިސާދުގެ އެންމެ މުހިންމު ސިޓީ ކަމަށްވާ ލާގޮސްގައި ހުންނަ މި ރިފައިނަރީ އިން ސާފުކުރާ ޕެޓްރޯލްގެ ފުރަތަމަ ޝިޕްމެންޓް ކުރިއަށް އޮތް ޖުލައި މަސް ނިމޭހާ ތަނުގައި ބާޒާރަށް ނެރެވޭނެ ކަމަށް ބެލެވެ އެވެ.

"އަލަށް މި ހުޅުވުނު ތެޔޮ ސާފު ކުރާ ކާރުޚާނާގެ ސަބަބުން ގައުމަށް ބޭނުންވާ މިންވަރަށް ތެޔޮ ސާފުކުރެވުމުގެ އިތުރުން އެފްރިކާ އާއި ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް ތެޔޮ އެކްސްޕޯޓު ކުރެވޭ ފަދަ ކުޅަދާނަކަން ލިބޭނެ،" ރިފައިނަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އަލިކޮ ވިދާޅުވި އެވެ.

އަލިކޮ ވިދާޅުވި ގޮތުގައި އެތަނުން ސާފުކުރާ ތެލުގެ މަދުވެގެން 40 ޕަސެންޓް އެކްސްޕޯޓް ކުރުމަށް ރިޒާވް ކުރެވޭނެ އެވެ.

އެފްރިކާގެ ބައްރުގެ ގިނަ ގައުމުތަކެއްގެ ވެރިންގެ ހާޒިރުގައި ބޭއްވި އެ ރަސްމިއަޔާތުގައި ރައީސް މުހައްމަދު ބުޚާރީ ވިދާޅުވީ މިޕްރޮޖެކްޓަކީ ސަރުކާރާ އަމިއްލަ ފަރާތްތަކުން ގުޅިގެން ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ނަމޫނާ އެއް ކަމަށެވެ.

އަލަށް ހުޅުވި ރިފައިނަރީގެ ސަބަބުން ނައިޖީރިޔާއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް ބެލެވެ އެވެ.