ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން މެދުވެރިކޮށް ދުވާލަކު 230،000 އަށް ވުރެ ގިނަ މުއާމަލާތް ހިންގާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދޭ ބީއެމްއެލް އިން ބުނީ 2015 ވަނަ އަހަރު ޒަމާނީ މޯބައިލް އެޕްލިކޭޝަނަކާއެކު އާންމު ފަރުދުންނަށް އިންޓަނެޓް ބޭންކިން ތައާރަފް ކުރުން ވެގެންދިޔައީ ރާއްޖޭގައި ބޭންކިން ހިދުމަތް ބޭނުންކުރާ ގޮތަށް ބަދަލުގެނުވި ކަމެއް ކަމަށެވެ. އަދި ބޭންކިންގ ހިދުމަތަކީ ކޮންމެ ރައްޔިތަކަށް ވެސް، ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ވަސީލަތަކަށް ހެދުމަށް ބީއެމްއެލް އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުނެ އެވެ.

މިގޮތުން މިއަދު، ބީއެމްއެލްގެ އިންޓަނެޓް އަދި މޯބައިލް ބޭންކިން ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި، ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލައި ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތަކަށް ވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނީ ބޭންކިން ހިދުމަތް ފުޅާކުރުމަށް މެދުކެނޑުމެއްނެތި ބީއެމްއެލް އިން ކުރަމުންދާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތުމަކީ 2022 ވަނަ އަހަރު 25،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަލަށް ގުޅުނު މުހިންމު އެއް ސަބަބު ކަމަށެވެ.

އެ ބޭންކުން ބުނީ އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރު ތެރޭގައި އެވްރެޖްކޮށް ދުވާލަކު އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތްކޮށްފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ދެ މިލިއަނަށް ވުރެ ގިނަ މޯބައިލް ބޭންކިން ލޮގިން ރިކޯޑް ކުރެވިފައިވާއިރު، ފާއިތުވި އަހަރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ މޮބައިލް ބޭންކިން އެޕްލިކޭޝަން މީހަކު ބޭނުންކުރަނީ. ފޮޓޯ: ބީއެމްއެލް

"އޮންލައިން ބޭންކިން މަގުބޫލުވެފައިވީ ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު މިއަދު ބޭންކުގެ ހިދުމަތްތައް ފުޅާވެ، އޭޓީއެމްގެ ހިދުމަތަކީ ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަސްޓަމަރުން ބަރޯސާވާ މުހިންމު ހިދުމަތެއް،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ގާއިމްކޮށްފައި ވަނީ 182 އޭޓީއެމް އެވެ. މީގެ ތެރެއިން 141 އޭޓީއެމްއަކީ ބީއެމްއެލް އިން ގާއިމްކޮށްފައިވާ އޭޓީއެމް އެވެ.

އެ ބޭންކުން ބުނިގޮތުގައި ފާއިތުވި އަހަރު ބީއެމްއެލްގެ ކަސްޓަމަރުން ވަނީ 14 މިލިއަނަށް ވުރެ ގިނަ މުއާމަލާތް އޭޓީއެމް މެދުވެރިކޮން ކޮށްފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 39،000 މުއާމަލާތެއް ކަމަށް ވެސް އެ ބީއެމްއެލް އިން ބުނެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު، އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.