ހދ. ކުޅުދުއްފުށީ އެއާޕޯޓަށް އަންނަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ރޭގަނޑު ދަތުރުތައް ކުރުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މިމަހުގެ 30 ވަނަ ދުވަހު ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުތައް ހަފްތާގެ ހުރިހާ ދުވަހަކު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށްޓަށް ދަތުރުކުރާ ފްލައިޓު ހަމަޖެހިފައި ވަނީ އިރުއޮއްސި 6:50 ގަ އެވެ. އަދި ކުޅުދުއްފުށިން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ 8:15 ގަ އެވެ.

ކުޅުއްދުށީ އެއާޕޯޓް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރޭގަނޑު ދަތުރުތައް ފެށުމަށްޓަކައި ކުޅުދުއްފުށީ އެއާޕޯޓްގައި ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. މިހާރު ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރީ ތިބި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެ މަގުން ދަތުރު ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހިންގަމުންގެންދާ ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ލައިޓް ހަރުކުރުމުގެ މަސައްކަތްކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި އެދެ އެއާޕޯޓަށްވެސް ރޭގަނޑު ދަތުރުތައް ފެށިގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓުން ބުނެ އެވެ.