ހިޓާޗީން ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ދޮވުނީ ހިކުނީ" ގެ ނަމުގައި، މި ޕްރޮމޯޝަން ކުރިއަށް ދަނީ މިމަހުގެ 22 އިން ފެށިގެން 22 ޖޫން ގެ ނިޔަލަށެވެ. އަދި މެޝިނާއެކު ހިލޭ މައިކްރޯވޭވް އަވަނެއް ލިބޭއިރު، އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދި އެހެން ސްކީމްތަކަށް ނަގާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގެ ދަށުން އަވަން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، އެސްޓީއޯއިން މި ޕްރޮމޯޝަންގައި ވިއްކަ އެވެ.

ހިޓާޗީން ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގައި ވިއްކަނީ. ފޮޓޯ: އެސްޓީއޯ

ރާއްޖޭގެ މާހައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިންތަކެކެވެ.

އެސްޓީއޯ އިން ބުނިގޮތުގައި އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށްލެވޭ ވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގޮތުން ވެސް ހެޔޮ މެޝިންތަކެކެވެ. އަދި އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހިޓާޗީން ފެބްރުއަރީ މަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގައި ވިއްކަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފަ އެވެ.