މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރެއްގެ ތެރޭގައި އޮތް ޕެލެޓްތަކެއް ފޯކްލިފްޓެއްގެ އެހީގައި ބާލަނިކޮށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 7:45 ހާއިރު ކަމަށެވެ.

އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓެއްގެ ދަށުވި މީހާ ނެގުމުގެ މަސައްކަތްކުރަނީ.

ފުލުހުން މިރޭ ބުނީ ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކަށް އަނިޔާވެފައިވާ ކަމަަށާ އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. މި ހާދިސާގައި އެކަކު ބިއްލޫރި ޕެލެޓް ދަށުވެ ތާށިވެފައިވެ އެވެ. ސިފައިންނާއި ފުލުހުން، ފަޔާ އެންޑް ރެސްކިއު އަދި ޕެރެމެޑިކްގެ މަސައްކަތުން އެ މީހާ ސަލާމަތް ކޮށްގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ.

އެނގިފައިވާ ގޮތުގައި އެމްޕީއެލް ސަރަހައްދުގައި ދެ މީހުން މަސައްކަތް ކުރީ ކޮންޓޭނަރެއްގައި އޮތް ޕެލެޓް، ފޯކްލިފްޓުގެ އެހީގައި ބާލާށެވެ. އެކަމަކު ބިއްލޫރިގަނޑު ނަގަން އުޅެނިކޮށް އެ ވެއްޓުނީ، އޭރު ކޮންޓޭނަރުގައި ތިބި ދެ މީހުންގެ ގައި މައްޗަށެވެ.

މިހާދިސާއާ ބެހޭ ގޮތުން އެމްޕީއެލް އިން ވާހަކައެއް ނުދައްކަ އެވެ.

މަންޒަރުދުށް މީހަކު ބުނީ ވެއްޓުނު ޕެލެޓުގައި ފަސްވަރަކަށް ފޫޓު ހުންނާނެ އެވެ.