ރާއްޖޭގެ ސިމްޑީ ގްރޫޕާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އިންވެސްޓްމެންޓް ކުންފުނި އަރަބްސްކުއެސްޓް ގުޅިގެން ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝާ އެއާލައިން "ބިއޯންޑް"އަށް ގައުމީ އެއާލައިންގެ ދަރަޖަ ދީފައިވާ ކަމަށް އެ އެއާލައިންގެ ސީއީއޯ ޓޭރޯ ޓަސްކިލާއަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ބުނެ، އެ އެއާލައިނުން އެންމެ ފަހުން އެކަމަށް މައާފަށް އެދިއްޖެ އެވެ.

ސީއެންއެންގެ "ކްއެސްޓް މީންސް ބިޒްނެސް" އަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިނެއްގެ ދަރަޖަ ދިވެހި ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މި ދަރަޖަ ލިބުމުން ރާއްޖެއަށް ފްލައިޓް އޮޕަރޭޓްކުރުމުގައި ހާއްސަ އިމްތިޔާޒުތަކަކާއި ހައްގުތަކެއް އެ އެއާލައިނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ފާޑުކިޔަން ފެށުމުން ބިއޯންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިނަކީ މޯލްޑިވިއަން ކަމަށާއި، ބިއޯންޑްއަށް ގައުމީ އެއާލައިންގެ ދަރަޖަ ދީފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް ވެސް ކޮށްފައިނުވާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކަކާ އެކު، ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޔަގީންކަން ވެސް ބިއޯންޑް އިން ވަނީ ދީފަ އެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ދިވެހި އެހެން އެއާލައިންތަކާ ވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބިއޯންޑް އެއާލައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމީ އެއާލައިންގެ ދަރަޖަ ލިބިފައިވާ ހަމައެކަނި އެއާލައިން އަކީ މޯލްޑިއަން ކަމަށް ވާއިރު އެއީ ދިވެހި ސަރުކާރުގެ ހިއްސާވާ އައިލެންޑް އޭވިއޭޝަންގެ ދަށުމް އޮޕަރޭޓް ކުރާ އެއާލައިނެކެވެ.

"ބިއޯންޑް" އަކީ ދުރު ރާސްތާތަކަށް ކުރާ ދަތުރުތަކަކީ ހިތްފަސޭހަ ދަތުރުތަކަކަށް ހެދުމަށް ތައާރަފް ކުރާ ލޭޝާ ލަގްޒަރީ އެއާލައިނެކެވެ. އެ އެއާލައިންގެ ބޯޓަކީ ތިމާވެއްޓާއި ރައްޓެހި، ސަސްޓެއިނަބަލް ޓެކްނޮލަޖީތަކެއް ހިމަނާ ފަރުމާ ކޮށްފައިވާ ބޯޓެކެވެ. އެ ބޯޓުގައި 68 މީިހުންގެ ޖާގަ ހިމެނެ އެވެ.

މި އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެ އެވެ.