ބީއެމްއެލް ކަސްޓަމަރުންނަށް އާޓިފިޝަން އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހިދުމަތް ދޭން "ޑިޖިޓަލް ކަސްޓަމާ ކެއާ" ހިދުމަތް ތައާރަފްކުރާނެ ކަމަށް އެ ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ކާލް ވިދާޅުވީ، ޑިޖިޓަލް ހިދުމަތްތަކުގައި ހެދޭ ކުށްތައް މަދުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މިހާރަށް ވުރެ ފަސޭހައިން ކަސްޓަމަރުންނަށް ހިދުމަތް ހޯދޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ. އަދި ހިދުމަތްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ޑިޖިޓަލް ސަޕޯޓު ޕްލެޓްފޯމުތައް އިތުރުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ސީއީއޯ ވަނީ ބޭންކުގެ ކުރިމަގުގެ ތަސައްވަރު އަދި ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒު ކަމަށްވާ ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް އަލިއަޅުވާލާފަ އެވެ.

"ކަސްޓަމަރުންނާ އިންސާފުން މުއާމަލާތް ކުރުން ވާން ވާނީ އަޅުގަނޑުމެންގެ ސަގާފަތުގައި އަށަގެންފައިވާ އަދި އަހައްމިއްޔަތުދޭ ކަމަކަށް. އަޅުގަނޑުމެން ބަލަންޖެހޭ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ކަސްޓަމަރުން އެދޭފަދަ އަދި ޓާގެޓް ސެގްމަންޓަށް މުހިންމު އަދި ބޭނުންތެރި ޕްރޮޑަކްޓް އަދި ހިދުމަތަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ސީއީއޯ ވިދާޅުވީ އެމެރިކާގެ ފެޑެރަލް ރިޒާވުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ނުވަ ފަހަރަށް އިންޓްރެސްޓް ރޭޓް މަތި ކުރިނަމަވެސް ބޭންކުން ރާއްޖޭގެ ރޭޓްތައް ބޮޑެއް ނުކުރާ ކަމަށެވެ. މީގެ ބަދަލުގައި ބޭންކުންވަނީ ކަސްޓަމަރުންނަށް އިންޓްރެސްޓްގެ ސަބަބުން ދިމާވާނެ ދަތިތަކަށް ވިސްނައި، އިތުރުވި ހަރަދުތައް މެނޭޖްކޮށްފައި ކަމަށް ވެސް ކާލް ވިދާޅުވި އެވެ.

ޑިޖިޓަލައިޒޭޝަން އާ ގުޅޭގޮތުން ކާރލް އިތުރަށް ވިދާޅުވީ މިދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ބޭންކު އިތުރަށް ޑިޖިޓަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ދާއިރާއިން އަޅުގަނޑުމެން ކުރިއެރުން ހޯދާފައިވީ ނަމަވެސް އަޅުގަނޑުމެންގެ ޑިޖިޓަލް ދަތުރު ހުއްޓާނުލާ ކުރިޔަށް ދާން ޖެހޭ. އަޅުގަނޑުމެންނަށް ހެދޭ ކުށްތައް މަދުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ބޭންކުގެ ހިދުމަތް ހޯދާނެ ގޮތާއި، ތަނާއި ވަގުތު ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލުމަށްޓަކައި ފުރިހަމަގޮތުގައި އޮޓަމޭޓްކުރަން ޖެހޭ،" ކާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކުން މަސައްކަތް ކުރަނީ މިހާރު މެނުއަލްކޮށް މަސައްކަތް ކުރަމުންދާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ބަދަލުގެނެސް އިތުރު ސެކިއުރިޓީ ކޮންޓްރޯލް އިތުރުކޮށް ޑިޖިޓަލް ސަޕޯޓް ޕްލެޓްފޯމްތައް އިތުރުކުރަމަށް ކަމަށެވެ.

ކާލް ވިދާޅުވީ މިއަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުރިހާ އޭޓީއެމްއަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމްއަށް ހެދުމަށް ކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ބޭންކުގެ ކުރިމަގާމެދު ވާހަކަ ދައްކަވަމުން ކާލް އިތުރަށް ވިދާޅުވީ ބީއެމްއެލްއަކީ އެންމެ އިހުތިޔާރުކުރާ ބޭންކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ބޭންކުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރުގެ މާކެޓްތަކާއި އާ މަގުތައް ހޯދަމުން އަންނަ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ

"މި ދާއިރާއަށް ވާދަވެރިން އަންނާނެކަށް ގަބޫލުކުރަން. އެއީ ހުއްޓުވޭނެކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.