ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް "އާޔާ" މިއަދު ތައާރަފްކޮށްފި އެވެ.

"އާޔާ"އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ "އާޔާ"އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމާ ސާވިސް އޭޖަންޓަކަށް ވެސް ޗެޓް ޓްރާންސްފާ ކޮށްލެވޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ.

"އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް 'އާޔާ' ފަރުމާކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި. އެހެންކަމުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާލީ ހިދުމަތް ފޯރުކޮށްދޭ އިދާރާގެ ގޮތުގައި ބޭންކު ވީހިނދު، ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމާއި، ސެލްފް ސަރވިސް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިންގ ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލް އިން ބުނީ ވަގުތުން ބޭންކް އެކައުންޓް ހުޅުވުން، އޮންލައިންކޮށް ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުން، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖް ކުރުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ޓީޓީގެ ހިދުމަތް ފަދަ ގިނަގުނަ ޑިޖިޓަލް ހިދުމަތްތަކެއް ބޭންކުގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓާގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ސަބަބުން، މިހާރު ކަސްޓަމަރުންނަށް ކޯލް މެނޫ މެދުވެރިކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އެސްއެމްއެސް ލިބޭނެ ގޮތް ހަމަޖެހި ކިއުގައި މަޑުކުރަން ބޭނުންނުވާނަމަ ކަސްޓަމަރަށް ގުޅުމަށް އެދި އަދި ކުއްލި ހާލަތްތަކުގައި އަވަސްކޮށް ގުޅުމަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ކާރލް އިތުރަށް ވިދާޅުވީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ ބޭންކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް މިދަނީ ފެންނަމުން. އެގޮތުން، 2022 ވަނަ އަހަރު ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް ސާޅީސް ޕަސެންޓް ވަނީ ރަނގަޅުވެފައި. އަދި އަޅުގަނޑުމެންގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު މިވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައި. އެހެންނަމަވެސް، އަދިވެސް ގިނަ މަސައްކަތް ކުރަންޖެހޭ. އަދި އަޅުގަނޑުމެން އިޖާދީ ހައްލު ހޯދުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް މަސައްކަތްތަކެއް ކުރާނަން،" ކާލް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.