ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި އެކަޑަމީއަކީ 370 އަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު ކުރިއަށް ގެންދާ ނެޓްބޯޅަ އެކަޑަމީއެކެވެ.

ދިރާގުން ބުނިގޮތުގައި މި ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގުން ފިއޮންޓީ ނެޓްބޯލް އެކަޑަމީއިން ކޮންމެ އަހަރަކު އިންތިޒާމްކޮށް ކުރިއަށްގެންދާ "ނެޓްބޯލް ފިއެސްޓާ" ބޭއްވުމަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކުދިންގެ އިންޓަ-ސްކޫލް ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ވެސް އެ އެކަޑަމީއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގައި ނެޓްބޯޅަ ކުރިއެރުވުމަށް އަމަލީގޮތުން އެއްބާރުލުންދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕާޓްނާޝިޕް މެދުވެރިކޮށް އައު ހުނަރުވެރި ނެޓްބޯޅަ ކުޅުންތެރިންތަކެއް އުފެދި، މި ކުޅިވަރު އިތުރަށް ކުރިއަރާދިޔުން،" ނާޔާ ވިދާޅުވި އެވެ.

ފިއޮންޓީ ނެޓްބޯލް އެކަޑަމީގެ ފައުންޑަރ، އައިޝަތު ނާޒިމާ ވަނީ މުޖުތަމައުގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ވެދެއްވާ އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

"މި ޕާޓްނާޝިޕް މެދުވެރިކޮށް ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" ނާޒިމާ ވިދާޅުވި އެވެ.

ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުން އަންނަ ކަމަށް ދިރާގުން ބުނެ އެވެ.