ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ގިނަ ރިސޯޓުތަކެއް އައުޓްބްރޭކަކަށް ހިނގައިދާނެކަމުގެ އިންޒާރު ޓެކްނިކަލް އެންޑް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުން ދެއްވައިފި އެވެ.

ޓެގް ޓީމުން އެ އިންޒާރު ދިނީ ރިސޯޓަކުން އެތައް ބަޔަކު ޕޮޒިޓިވްވެ އައުޓްބްރޭކެއް އައިސްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބުނެފައި ވަނިކޮށެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އާ ޓްރެންޑެއް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ޓޫރިސްޓުންނަށް ޚިދުމަތްދެމުން އަންނަ ތަންތަނުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ .ޝަހީދު ވަނީ މީގެ މަސްތަކެއް ކުރިން ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އާއި 60 އާ ދެމެދުގައި ހިފެހެއްޓިފައި ހުރި ނަމަވެސް މިހާރު އެ އަދަދު 100 އިން މައްޗަށް އަރާފައިވާކަން ފާހަގަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މިއީ ކުރިން ވެސް އަންނާނެ ކަމަށް ލަފާކޮށްފައިވާ ޙާލަތެއް ކަމަށެވެ. އެއީ ރާއްޖެއަށް ޓޫރިސްޓުން އަންނަ ނިސްބަތް އިތުރުވެ، ހައިރިސްކް ގައުމުތަކުން ޓޫރިސްޓުން އަންނާތީ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.

"ރިސޯޓެއްގައި އައުޓްބްރޭކެއް އައުމުން ވަރަށް ގިނަ ދަތިތަކާ އެބަ ކުރިމަތިލާންޖެހޭ. އެގޮތުން ރިސޯޓުގެ އޮޕަރޭޝަންސްތައް ހުއްޓުމަކަށް އައުމާ އައިސްތިބި ފަތުރުވެރިންނަށް ދަތިތަކެއް ކުރިމަތިވުމާއި ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓުގެ އޮޕަރޭޝަންސްތައް ހުއްޓިފައި އޮތުން،" އޭނާ ވިދާޅުވި އެވެ. "އެހެންކަމުން މިޙާލަތު އަޔަނުދިނުމަށް ވަރަށް ޚާއްސަ އިސްކަމެއް އެބަ ދޭންޖެހޭ ކޭސްތައް އަވަހަށް ދެނެގަތުމަށް."

ޑރ .ޝަހީދު ވަނީ އަވަހަށް ކޭސްތައް ދެނެގަނެވި އަވަހަށް އެކަހެރިކުރެވުމަކީ އައުޓްބްރޭކެއް އަޔަނުދިނުމަށް އެޅޭނެ އެއްމެ މުހިއްމު ފިޔަވަޅުކަން ހާނދާންކޮށްދެއްވައިފަ އެވެ. މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މުވައްޒަފުންނާއި ޓޫރިސްޓުން ވެސް އެކަހެރިކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ގިނަ ފަހަރަށް މުވައްޒަފުންގެ އެކޮމޮޑޭޝަން ހުންނަނީ ޝެއާކުރާ ގޮތަށް. އެހެންކަމުން ވަރަށް ސަމާލުވާން ޖެހޭނެ އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށް ބަލި ފެތުރިގެން ނުދާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް،" ޑރ.ޝަހީދު ވިދާޅުވި އެވެ.

ރިސޯޓުތައް އަލުން ހުޅުވާލި ފަހުން ޓޫރިސްޓުންނަށް ޚިދުމަތްދޭ 108 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ޓޫރިސްޓުންނަށް ޚިދުމަތްދޭ ރިސޯޓުތަކުގައި މެޑިކަލް އޮފިސަރުން ތިބެން ޖެހެ އެވެ.