ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް އައު ޕްރޮމޯޝަން އެއް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވާ އެކައުންޓަށް 5،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ. އަދި އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވާ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިން ސެންޓަ އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް ގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވާ އެކައުންޓައް ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން 10 ޖުލައި ގެ ނިޔަލަށެވެ.