ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެމްބަރުންގެ އަދަދު ހަޔަކުން 11 އަށް އިތުރުކޮށް، އާ ބޯޑު އެކުލަވާލައިފި އެވެ.

އެޗްޑީސީގެ ބޯޑަށް ފަސް މެމްބަރުން އިތުރުކުރިއިރު، އެ ކުންފުންޏާއި ކ. ތިލަފުށި ބަލަހައްޓާ ގްރޭޓަ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެއްކޮށްލައިފަ އެވެ.

އެޗްޑީސީގެ ބޯޑަށް މިދިޔަ ހަފުތާގައި އަލަށް އައްޔަންކުރީ ޖީއެމްއައިޒެޑްއެލްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެޗްޑީސީގެ މިހާރުގެ ސީއޯއޯ ޝާތިރު އަބްދުއްރަހުމާނާއި އަބްދުﷲ މިއާދު އާއި އަބްދުލް މުންނިމް މުހައްމަދު މަނިކު އާއި މުހައްމަދު ޖަލާލު އަދި މަރިޔަމް ޝަވާދިން އަބްދުﷲ އެވެ. މީގެ ތެރެއިން ޝާތިރު އާއި ޝަވާދިން އަކީ ކުރީގެ ޖީއެމްއައިޒެޑްއެލްގެ ބޯޑުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެއް ނޫނެވެ.

އެޗްޑީސީގެ ޗެއާމަނަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު ޖައިޝް އިބްރާހިމް (ޖޭމޭ) އެވެ.

މިއީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޯޑު މެމްބަރުން އެންމެ ގިނަ ކުންފުންޏެވެ. އާއްމުކޮށް ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ އަދަދު އުޅެނީ 6 އާއި 9 އާ ދެމެދުގެ އަދަދެއްގަ އެވެ.

ސަރުކާރު ހިއްސާ ކުންފުނިތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި 11 މެމްބަރުން ތިއްބަވަ އެވެ. އޭގެ ތެރޭގައި އާއްމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ތިން ޑިރެކްޓަރުން ހިމެނިވަޑައިގަންނަވަ އެވެ.

އެޗްޑީސީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ދެ ކުންފުނި އެއްކޮށްލަން ނިންމީ ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަ މާލޭ އޭރިޔާ ތަރައްގީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެ ކުންފުނިން ބުނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީކުރުމުގެ މަސައްކަތްތައް އެޗްޑީސީން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށެވެ.

އެޗްޑީސީން ބުނެފައި ވަނީ އެ ނިންމުމާ ގުޅިގެން އެކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަން ޖެހޭ ހުރިހާ ބަދަލުތައް ގެނައުމަށް އެ ކުންފުނިން އެފަރާތްތަކާއެކު މުއާމަލާތްކުރަމުން ގެންދާނެ ކަމަށެވެ.