އިތުރު ދާއިރާތަކާއެކު މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން މިދިޔަ އަހަރު މުޅިން އަލަށް ތައާރަފްކުރި އެވޯޑެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުން ކަމަށެވެ. މިދިޔަ އަހަރު ދިން ފުރަތަމަ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ވަނީ 27 ފަރާތަކަށް ދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 31 ވަނަ ދުވަހުން 16 ޖުލައިގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި މާކްސް ދޭނީ 2022 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2023 ވަނަ އަހަރުގެ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ އެވޯޑްސްގައި ވަނީ "ޓޫރިޒަމް ޕްރޮޕެޝަނަލް އެވޯޑް" ނަމުގައި މުޅިން އަލަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑެއް ތައާރަފްކޮށްފަ އެވެ.

އެވޯޑް ލިބޭނީ %75 އަށްވުރެ މަތިން މާކްސް ހޯދާ ތަންތަނަށް ކަމުގައިވާ އިރު ޕްރޮޕަޓީތަކަށް އެވޯޑް ދޭއިރު އިސް މަގާމުތަކުގައި ދިވެހިންނަށް ވަޒީފާ ތިބޭ މިންވަރަށް ބަލައި، އިތުރަށް މާކްސް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެ އެވެ.

މި އަހަރު ފަސް ދާއިރާއަކުން ޖުމްލަ 59 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެވޯޑަށް ހުޅުވާލާފައިވާ ދާއިރާތައް:

  • ޓޫރިސްޓް ރިސޯޓް - 16 އެވޯޑް
  • ޓޫރިސްޓް ގެސްޓްހައުސް އެންޑް ޓޫރިސްޓް ހޮޓެލްސް - 15 އެވޯޑް
  • ޓޫރިސްޓް ވެސަލް - 13 އެވޯޑް
  • އެހެނިހެން ފެސިލިޓީތައް - (ޓްރެވެލް އެޖެންސީ، ޑައިވް ސެންޓަރު އަދި ވޯޓަ ސްޕޯޓްސް) - 5 އެވޯޑް
  • ޓޫރިޒަމް ޕާސަނަލިޓީ/ ޕްރޮޕެޝަނަލްސް - 10 އެވޯޑް