ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ހުއްދަ މިހާރު ލިބިފައިވާ ކަމަށާއި އެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި ރެގިއުލޭޓަރީ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

"އެސްޓީއޯއާއި ސަރުކާރާއި އަދި ބޭރުގެ ކޮންސަލްޓަންޓަކާއި އެއްކޮށް އިންޓަނޭޝަނަލް ބަންކަރިންގެ ރެގިއުލޭޓަރީ މަސައްކަތް މިހާރު ނިމުމަކަށް އަންނަނީ. އިންޓަނޭޝަނަލް ބަންކަރިން ކުރުމުގެ ހުއްދަ މިހާރު އެސްޓީއޯއަށް ވަނީ ލިބިފައި،" ސައީދު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތާއެކު ރާއްޖެއިން ބޭރުގައި އެސްޓީއޯގެ ތެޔޮ ރައްކާކުރާ ސްޓޯރޭޖެއް ހެދުމަށް ވިސްނަމުން ގެންދާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި މި ސްޓޯރޭޖް ހެދުމަށް މަސައްކަތް ކުރަމުންދަނީ ޔޫއޭއީގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ސައީދު ވިދާޅުވީ މީގެ ކުރިން އެސްޓީއޯ ސިންގަޕޫރާއި، އެމްއެންއޯސީ ގުޅިގެން އޮޕަރޭޝަނެއް ފަށައިގަތުމަށް ފަހު ތެލުގެ ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ވެސް ތެޔޮ ވިއްކުމަށް ވިސްނާފައިވާ ކަމަށާއި، މިހާރު އެ ކުންފުނިން ބަލަމުން ގެންދަނީ ޔޫއޭއީގެ ރަށެއްގައި ސްޓޯރޭޖެއް ގާއިމު ކުރުމަށް ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.

ދެހާސް ބާވީސް ވަނަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %79 އިތުރު އަދަދެއް ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.