މިއަހަރު އެންމެ މަދުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ހުސްވި މެއި މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 120،960 ފަތުރުވެރިނެވެ. މިއީ މިއަހަރުގެ އެހެން މަސްތަކާއި އަޅާބަލާއިރު ދަށް އަދަދެކެވެ. އަދި 2022 ވަނަ އަހަރާ އަޅާބަލާއިރު 4568 ފަތުރުވެރިންގެ ދަށްވުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މުޅި އަހަރަށް ބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ 2022 ވަނަ އަހަރަށްވުރެ މަތީގަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ އައިސްފައިވަނީ 809245 ފަތުރުވެރިންނެވެ. ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 7.8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެ އެވެ.

  • ޖަނަވަރީ - 172،499 ފަތުރުވެރިން
  • ފެބްރުވަރީ - 177،915 ފަތުރުވެރިން
  • މާރިޗު - 173،514 ފަތުރުވެރިން
  • އެޕްރީލް - 164،357 ފަތުރުވެރިން
  • މެއި - 120،960 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 1241 ތަނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ މުޅި ޖުމްލަ 60،734 އެނދެވެ.