އާބަންކޯއިން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ގދ. ތިނަދޫގައި ގާއިމްކުރަމުންދާ ޑީކޯ ޗެމްބާގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

ތިނަދޫގައި ގާއިމްކުރާ މި ޑީކޯ ޗެމްބާ އަކީ އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ ޖޫން މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެކެވެ. އެގޮތުން އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބާ އެވެ.

ހުވަދޫ އަތޮޅުގައި މި ޗެމްބާ ގާއިމްކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭ އިރު، މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑު އިރު، މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަނީ ހިނގާފަ އެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެ އެވެ. އަބަންކޯގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށެވެ.