ރާއްޖޭގައި މުދަލުގެ އަގުތަށް ދަށްވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިންފްލޭޝަން ރޭޓު މަތިވިނަމަވެސް މިއަހަރުގެ ބާކީ ހުރި ކުއާޓާތަކުގައި އިންފްލޭޝަން ރޭޓް ދަށްވެގެންދާނެ ކަމަށެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ އޭގެ ސަބަބުން އެހެން ތަކެތީގެ އަގުތަށް ދަށަށް ދިއުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާރުގައި އިންފްލޭޝަން 3.1 ޕަސެންޓުގައި ހުރި ނަމަވެސް, ޖީއެސްޓީ ރޭޓް ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ 3.9 ޕަސެންޓް އިތުރުވެފަ އެވެ

މި އަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓުގައި ހުންނާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްއެމްއޭ އިން ލަފާކުރި ނަމަވެސް މި އަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 3.4 ޕަސެންޓުގައި ކަމަށް އެމްއެމްއޭއިން މިހާރު ލަފާކުރެ އެވެ.

ރާއްޖޭގެ އިންފްލެޝަން ދަށްވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރި އިރު, ރާއްޖޭގެ އިގުތިސާދު މިދިޔަ އަހަރު 13.9 ޕަސެންޓަށް ކުރިއަރައި، ކޮވިޑްގެ ކުރީގެ ހާލަތަށް ވަނީ ރުޖޫއަވެފަ އެވެ.