މި އަހަރުގެ މެދުތެރޭގައި އައްޑޫ ސިޓީއަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އައްޑޫ ސިޓީއަށް މި ދަތުރުތައް ފެށުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ވެސް އައްޑުއަށް މުދާ ގެނެވޭނެ ކަމަށެވެ. އަދި މާލެއިން އައްޑުއަށް މުދާ އުފުލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"މި އަހަރުގެ މެދެއްހާ ހިސާބުގައި މި ބޯޓު އޮޕަރޭޝަނަށް ގެނެވި އައްޑޫ ސިޓީއަށް ޑައިރެކްޓް ކޮންޓެއިނަ ސާވިސްގެ ހިދުމަތް ދިނުމަށް މިދަނީ މަސައްކަތް ކުރަމުން. މި އޮޕަރޭޝަނާ އެކު ކާޑު ފޯރުކޮށްދިނުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. އަދި ކޮންސްޓްރަކްޝަން މެޓީރިއަލް ފަދަ މުދަލުގެ ބާވަތްތައް ދެކުނުގެ އަތޮޅުތަކުގައި ރައްކާކުރެވި ކާޑާއި މިފަދަ މުދާ ލާމަރުކަޒު ކުރެވިގެންދާނެ" ޢަބްދުﷲ ސައީދު ވިދާޅުވި އެވެ.

އެމްއެސްއެސްއިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވެސް ވަނީ އިންޑިއާގެ ޓުޓްކޮރިން އިން އައްޑޫ ސިޓީއަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ މި ދަތުރުތައް ހުއްޓާލައިފަ އެވެ. ސަބަބެއްކަމަށް އޭރު ބުނީ އެ ސަރަޙައްދުގައި ބޭނުންކުރަމުން ދިޔަ ބޯޓާއި އެކަށީގެންވާ ވަރަށް މުދާ ނުލިބުމެވެ.

އެމްއެސްއެސްއިން ބުނީ އެ ކުންފުނިން އައްޑޫއަށް ފަށަން ތައްޔާރުވަމުން އަންނަ ދަތުރުތަކުގައި ބޭނުންކުރާނީ އެ ސަރަޙައްދުގައި އޮޕަރޭޓްކުރުމަށް އެންމެ އެކަށީގެންވާ ސައިޒުގެ ބޯޓެއް ކަމަށެވެ. އަދި މިފަހަރު ދަތުރު ފެށުމުގެ ކުރިން އެ ކުންފުނިން މިހާރު ހިސާބުޖަހާފައިވާ ކަމަށާއި މިފަހަރު ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮޖެކްޓް ކުރިއަށް ދާނެކަމުގެ އުންމީދު ބޮޑުކަމަށެވެ.