ގްރޭޓާ މާލޭގެ އެމަޖެންސީ ބެކަޕް ޕަވާޕްލާންޓުގެ މަސައްކަތް ނިންމާލައިފި އެވެ.

ހުޅުމާލޭ ބާ އިންޖީނުގޭގައި ގާއިމްކޮށްފައިވާ މި ބެކަޕް ޕަވަ ޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓެވެ.

މި ޕަވާޕްލާންޓަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން، އެ ކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގެ ތިބި، އެ މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އަދި މިއީ ސްޓެލްކޯގެ ތާރީހުގައި ވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރުކަން ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.

މި އެމަޖެންސީ ޕަވާ ޕްލާންޓާއެކު، ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރެވި، ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާ ލޯޑްވެގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު، ގްރޭޓާމާލޭގެ ޕަވާ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި މާލެ އާއި ހުޅުމާލޭގެ ބޮޑެތި ޖެންސެޓްތައް އޯވާހޯލް ކުރުމަށް ނިއްވާލުމުގެ ފުރުސަތު ލިބި އެ ޖަނަރޭޓަރުތަކުގެ އެފިޝިއެންސީ ވެސް އިތުރުކުރުމަށް ފުރުސަތު މިކަމުގެ ސަބަބުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޫނު ގަދަ ދުވަސްވަރު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު ރެކޯޑު މިންވަރަކަށް އިތުރުވެ އެވެ. މިއަހަރުގެ އޭޕްރީލް މަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ވަރު 102 މެގަވޮޓަށް ވުރެ މައްޗަށް އެރި އެވެ.