ބީީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި ކާޑުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް "ކިލް ސްވިޗް" ފީޗާއެއް ތައާރަފްކޮށްފި އެވެ.

އެ ބޭންކުން މިއަދު ބުނީ އެއީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ކުއްލި ހާލަތުތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލަ އަށް އޭރުން ވަގުތުން މެދުކަނޑާލެވޭނެ އެވެ

"ކިލް ސްވިޗް" ބޭނުންކޮށްގެން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓްވެ، ކާޑު ފްރީޒު ކުރެވޭނެ އެވެ.

އެ ފީޗާ ބޭނުން ކުރުމަށް ފަހު، ކަސްޓަމަރުން އިންޓަނެޓް ބޭންކިން އާއި ކާޑުތައް އަލުން ބޭނުން ކުރަން ފެށުމަށް ޖެހޭނީ ކައިރި ބްރާންޗަކަށް ދާށެވެ. އަލުން އެކްޓިވޭޓް ކުރާނީ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، ސްކޭމެއް ހިނގައިފި ކަމަށް ކަސްޓަމަރަށް ފާހަގަވުމުން ކަސްޓަމަރުންނަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކާޑުތަކާއި އިންޓަނެޓް ބޭންކިން އާ ފީޗާގެ އެހީގައި ފްރީޒް ކުރެވޭނެ ކަމަށެވެ.

މި އަހަރުގެ ކުރީ ކޮޅު ބީއެމްއެލްގެ އެކައުންޓްތަކުން އޮޅުވާލައިގެން ފައިސާ ނަގާ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ބީއެމްއެލް އިން ވަނީ ސެކިއުރިޓީ ވަރުގަދަ ކުރަން ފިޔަވަޅުތައް އަޅައިފަ އެވެ.

މިދިޔަ މޭ ވަނީ ބީއެމްއެލްގެ އެޕްލިކޭޝަނަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ތައާރަފްކޮށްފަ އެވެ. ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހަދައި، ކިއުއާރް ޕޭމަންޓްގެ ލިމިޓް އުވައިލި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.