މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މިއަހަރުގެ ލީގް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ، ފުވައްމުލައްް އަދި ކ. ތުލުސްދޫގައި ބޭއްވޭ ހަތަރު އިވެންޓެއްގެ މައްޗަށެވެ. މިގޮތުން "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2023" ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ ޖޫން މަހުގެ 17 އިން 23 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގަ އެވެ. އަނެއް ތިން އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ފަހުކޮޅު އެވެ.

"މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިން ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ދިރާގުގެ އެސިސްޓެންޓް މެނޭޖަ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

އެމްބީބީއޭގެ ރައީސް އަބްދުالله އަރީފް ވަނީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

"އެކުންފުނީގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ގައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައިވެސް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" އަރީފް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނިގޮތުގައި އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.