މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބަހައްޓަންޖެހޭ ޓްރާންސްފޯމަރުތައް ބަހައްޓަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންވާ ބިމުގެ ޖާގަ އިތުރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެސިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ހުށަހަޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ތާއީދު ކުރައްވާ މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ހަތަރުވަނަ ދައުރުގެ 105 ވަނަ އާންމު ޖަލްސާގައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާޤުން ވަނީ އެ ނިންމުން ނިންމާ ފާސްކޮށްފަ އެވެ.

އެ ނިންމުން ނިންމާ ފާސްކޮށްފައި ވަނީ ސްޓެލްކޯއިން އެކަމަށް އެދި މާލެ ސިޓީ ކައުންސިލަށް ފޮނުވަފައިވާ ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި ބުނެފައިވަނީ އެފަރާތުން އެދިފައިވާ ފަދައިން ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބިން ހަމަޖައްސައި ނުދެވިއްޖެ ނަމަ ކުރިއަށް އޮތްތަނުގައި ލޯޑް ބޮޑުވެގެން ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ސްޓެލްކޯއިން އެދިފައިވާ ސަރަހައްދުގެ ތަންތަނުން ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި އެ ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދެވޭނެގޮތެއް ނޯންނާނެ ކަމަށެވެ.

އެހެންކަމުން ސްޓެލްކޯއިން އެދިލައްވާފައިވާ ގޮތަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެ ކުންފުޏަށް ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބިން ހަމަ ޖައްސަވައި ދެއްވުމަށް ވަނީ އެދިފަ އެވެ.

މިކަމާއި ގުޅޭ ގޮތުން މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރުމަށްޓަކައި ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އެކުންފުނިން ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ސްޓެލްކޯގެ ހުށަހެޅުން ފާސްކޮށްދީފައިވަނީ އިތުރުކުރި ބައެއް ޝަރުތުތަކާ އެކު އެވެ.