އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކް އެއާލައިނުގެ ދަތުރުތައް ރާއްޖެ އަށް އޮކްޓޯބަރު މަހު ފަށާނެ ކަމަށް ބުނެފި އެވެ.

އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ވާޖިން އެޓްލާންޓިކް ދަތުރު ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު އަންނަނީ ޓިކެޓް ވިއްކަމުންނެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗަޑް ބްރޭންސަންގެ ވާޖިން ގްރޫޕާއި އެމެރިކާގެ ޑެލްޓާ އެއާލައިން އިން ހިންގާ ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ދަތުރު ލަންޑަންގެ ހީތުރޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާއިރު، އެ އެއާލައިނުން ހަފްތާއަކު ތިން ފްލައިޓް ރާއްޖެއަށް ދަތުރުކުރާނެ އެވެ.

މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޯއިން 9 -787 މަރުކާގެ ބޯޓެވެ.

ޔޫރަޕްގެ ފިނި މޫސުމާއި ދިމާކޮށް، ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަަށް ފެށުމަށް ތާވަލުކޮށްފައިވާއިރު، އެއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްވަރެވެ. އަދި އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިިދިޔަ އަހަރު ވެސް ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެއީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 10 އިންސައްތަ އެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިވަގުތު ސީދާ ދަތުރުކުރަނީ އެ ގައުމުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް އެކަންޏެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވަމުންދާއިރު، މިހާރު ރާއްޖެއަށް 36 އެއާލައިނަކުން އަންނަނީ ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަމުންނެވެ.