ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއްއަހަރުގެ މުއްދަތަކަށް އެ ބޭންކުން އިން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ބޭންކުން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން، ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އަދި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު ތައާރަފް ކުރި މި ޕްރޮގްރާމުގައި މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން މިވަނީ ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ނިންމާފައިވާކަން އޭނާ ފާހަގަކުރި އެވެ.

"މީގެ ތެރެއިން ހަތްދިހަ ޕަސެންޓް ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވޭ،" ސަހާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ އެވެ.

ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.

އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 2 ޖުލައި 2023 ގެ ކުރިން އޮންލައިންކޮށް https://www.bankofmaldives.com.mv/careers/ ހުށަހެޅޭނެ އެވެ.