މިދިޔަ މަހު މީރާއަށް 1.71 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 30.4 ޕަސެންޓް ގިނަ އަދަދެކެވެ. އަދި، މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 1.8 ޕަސެންޓް ގިނަ އަދަދެކެވެ.

މީރާއިން ބުނިގޮތުގައި، މޭ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކުންފުނިތަކާއި ފަރުދުން- ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، ޖީއެސްޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން ބުންޏެވެ. އަދި، އެޕްރީލް 2022 އާއި އަޅައިބަލާއިރު، އެޕްރީލް 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 13.1 ޕަސެންޓް އިތުރުވެފައިވާތީ، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން މި މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކައިފައިވާތީ، ކުންފުނިތަކާއި ފަރުދުން- ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ. 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކުހުގެ ފައިނަލް ރިޓާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހެވެ.

މޭ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މޭ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށް ވުރެ އިތުރުވުން ކަމުގައި މީރާއިން ބުންޏެވެ. މި ގޮތުން، މޭ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަންދާޒާކުރި ވަރަށް ވުރެ 3.6 ޕަސެންޓް އިތުރުވެފައިވާތީ، ޓީޖީއެސްޓީ އަދި އެއަޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ. އަދި، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން 2022 ވަނަ އަހަރުގެ އާމްދަނީން ނަގާ ޓެކްސް ދައްކަން ޖެހޭ ސުންގަޑީގެ ކުރިން ޓެކްސް ދައްކައިފައިވާތީ، މި ކަމުގެ ސަބަބުން މޭ 2023 ގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މޭ 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 63.59 ޕަސެންޓް ނުވަތަ 1.09 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 12.41 ޕަސެންޓް ނުވަތަ 212.43 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 114.34 މިލިއަން ރުފިޔާ (6.68 ޕަސެންޓް)، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 101.20 މިލިއަން ރުފިޔާ (5.91 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 83.10 މިލިއަން ރުފިޔާ (4.85 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 112.17 މިލިއަން ރުފިޔާ (6.55 ޕަސެންޓް) ލިބިފައިވެ އެވެ.

މޭ 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 72.78 މިލިއަން ޑޮލަރު ހިމެނެ އެވެ.