އެސްޓީއޯ އިން މި އަހަރު ތިން މުވައްޒަފުން ހައްޖަށް ފޮނުވަން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޚަރަދުގައި ހައްޖަށްދާ ތިން މުވައްޒަފުން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށެވެ.

މި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޏ. ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ. ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލް ގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މި ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް ހުޅުވާލެވުނު ސްކީމެކެވެ.

އެސްޓީއޯއިން ބުނިގޮތުގައި މި ސްކީމްގެ ދަށުން ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެ ކުރިން ފަރުޟު ޙައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއް ޖާގަ ޚާއްސަ ކުރެވެނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އިތުރު ޖާގަ ހޮވަނީ ގުރުއަތުންނެވެ.

އެސްޓީއޯގެ ޚަރަދުގައި ހައްޖަށްދާ މުވައްޒަފުންނާ އެމްޑީ އަބްދުﷲ ސައީދު ބައްދަލުކުރައްވަނީ

އެސްޓީއޯ އިން ބުނިގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޭރު ގައުމުތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ހައްޖާޖީންނަށް 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ހަމަޖެހިފައިނުވާތީ އެއަހަރު ހޮވިފައިވާ މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނުވެ އެވެ. ނަމަވެސް ޙައްޖަށް ގެންދިއުމުގެ ކަންތައްތައް މަޑުޖެހިފައި އޮތުމަށްފަހު، އަލުން މި އިންތިޒާމްތައް ހަމަޖެހުމުން، 2022 އަދި 2023 ވަނަ އަހަރު އެ މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހުނު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެ ކުންފުނިން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މުވައްޒަފުން ޙައްޖަށް ފޮނުވަން ވަނީ ނިންމާފަ އެވެ.