މޯލްޑިވްސް ލިވިން އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކަށް ހައިރައިސް އިންޓަނޭޝަނަލް އާއި، އާބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިފަހަރުގެ ލިވިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ހައިރައިޒް އިންޓަނޭޝަނަލް އިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަހިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ރާއްޖޭގައި ބާއްވަ މިފަދަ ހަމައެކަނި ހަރަކާތެވެ. މިއަހަރުގެ ލިވިން އެކްސްޕޯގައި ވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާއި އެކު އިންޓަރެކްޓިވް ނެޓްވޯކިން ޕްލެޓްފޯމެއް ގާއިމްކުރެވޭނެ އެވެ.

އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފަރުނިޗަރު ވިޔަފާރިތަކާއި، ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ވެސް ހިމެނޭނެ އެވެ. މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހިކަމާއި، ގެދޮރާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދާނެ އެވެ.

އާބަންކޯގެ ސްކޯޕް ބޮޑުކޮށް، އާބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެކެވެ. އެހެންކަމުން މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސާއަށް ވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.