އއ. ރަސްދޫގެ އިތުރުވަމުންދާ ފެނުގެ ޑިމާންޑަށް ކޭޓާ ކުރުމަށާއި، ރަސްދޫގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި، އެރަށުގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި އެވެ.

މި ޕްލާންޓާއެކު، ރަސްދޫގެ ފެން އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ 160 ޓަނަށް ވަނީ އިތުރު ކުރެވިފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން އޭގެ ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ އެ މަސައްކަތުގައި އުޅުނު އެ ކުންފުނީގެ ވޯޓާ، ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ބައްދަލުކުރައްވާ އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވާފަ އެވެ.

ސްޓެލްކޯގެ އެމްޑީ މުވައްޒަފުންނާ ބައްދަލުކުރައްވަނީ

އެ ކުންފުނިން އަލަށް އެފަދަ ކަމެއް ކޮށް، އެ ހޯދި ކާމިޔާބީއަށް އެމްޑީވަނީ އެ މުވައްޒަފުންނަށް ޝުކުރާއި، މަރުހަބާ ދަންނަވާފަ އެވެ.