އަށް އަހަރުގެ މެދުކެޑުމަކަށް ފަހު ބާއްވާ އިންޓަ ސްކޫލް ލަވަ މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއެކު ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 270 އަށް ވުރެ ގިނަ ދަރިވަރުން ހަ އުމުރުފުރައިގައި ބައިވެރިވެ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތަކުގެ ގިނަ ސްކޫލްތަކެއް ވެސް ހިމެނެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ޕީއެސްއެމްއާއެކު އިންޓަ ސްކޫލް ލަވަ މުބާރާތް އަނެއްކާ ވެސް ޓީވީތަކަށް ގެނައުމަށް އެއްބާރުލުންދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންގެ މިއުޒިކީ ހުނަރުތައް އިތުރަށް ދައްކާލައި އެ ހުނަރު އިތުރަށް ކުރިއަރުވާ ތަރައްޤީކުރުމަށް އެޅޭ ފިޔަވަޅެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް އެކުދިންނަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް،" ނާޔާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ ސްޕޯކްސްޕާސަން ޒީކް މުހައްމަދު ރިޒާ ވިދާޅުވީ މެދުކެނޑުމަކަށްފަހު އަނެއްކާވެސް މި މުބާރާތް އަލުން ގެނައުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި މުބާރާތް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ޒީކް ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި އެފަރާތްތަކަށް އިތުރު ފުރުސަތުތަށް ފަހިކޮށްދޭ ތަފާތު ހަރަކާތްތައް ގެނެސްދީ އެފަދަ ކަންކަމަށް އެއްބާރުލުންދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.