މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު ޖުމްލަ 10.5 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 37.7 ދަށް އަދަދެއް ކަމަށް މީރާއިން ބުންޏެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 41.1 ޕަސެންޓް ނުވަތަ 4.31 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސް އެވެ. އެއީ 18 ޕަސެންޓް ނުވަތަ 1.89 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބިފައި ވަނީ ބީޕީޓީންނެވެ. އެއީ 1.77 ބިލިއަން ރުފިޔާ ނުވަތަ 16.9 ޕަސެންޓެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި މިދިޔަ އަހަރު 702.7 މިލިއަން ރުފިޔާ ނުވަތަ 6.7 ޕަސެންޓް، ގްރީން ޓެކްސްގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ނުވަތަ 3.4 ޕަސެންޓް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން ޑޮލަރު ހިމެނެ އެވެ.

މީރާއިން ބުނީ މިދިޔަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެންބަރު މަހު ބަލައިގަތް ޖުމްލަ އާމްދަނީއަކީ 1.04 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 34.1 ޕަސެންޓް ދަށް އަދަދެކެވެ.

މީރާއިން ބުނީ ޑިސެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ ޑިސެންބަރުގައި ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު ދަށްވެ، ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް ދަށްވެފައިވުމެވެ. މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ ޑިސެންބަރު މަހު ލިބުނު އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެއް ކަމަށް ވެސް މީރާއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މިދިޔަ މަހު ލިބިފައި ނުވާ ކަމަށެވެ.

މީރާއިން ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 39 ޕަސެންޓް ނުވަތަ 404.66 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިން އެވެ. އެއީ 30.1 ޕަސެންޓް ނުވަތަ 311.80 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 138.75 މިލިއަން ރުފިޔާ (13.4ޕަސެންޓް)، އިންކަމް ޓެކްސްގެ ގޮތުގައި 50.19 މިލިއަން ރުފިޔާ (4.8 ޕަސެންޓް)، ރެސިޑެންޓް ޕާމިޓް ގޮތުގައި 26.19 މިލިއަން ރުފިޔާ (2.5ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 105.69 މިލިއަން ރުފިޔާ (10.2 ޕަސެންޓް) ހިމެނެ ވެސް އެވެ.

މީރާއިން މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 39.13 މިލިއަން ޑޮލަރު ހިމެނެ އެވެ.