ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށެއްގައި ގެސްޓް ހައުސް ހަދައިގެން ވިޔަފާރި ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބ. ކިހާދޫ ކައުންސިލުގެ ރައީސް ހުސައިން ޝާފިއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބ. އައިދޫ އަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ ކަމަށް ޝާފިއު ވިދާޅުވި އެވެ.

މިރަށަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައި ވަނީ މޯލްޑިވިއަން މާމެއިޑް ނަމަކަށް ކިޔާ ވިޔަފާރިއަކަށް ކަމަށް ޝާފިއު ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ރަޖިސްޓާނުކޮށް މިފަދައިން ގެސްޓުންނަށް ރޫމު ވިއްކުމަކީ ވަގު ވިޔަފާރިކުރުން ނޫންތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.

އިތުރަށް ޝާފިއު ވިދާޅުވީ މިފަދައިން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ވަރަށް ގިނަ ރަށްތައް ބ. އަތޮޅުގައި އެބަހުރި ކަމަށެވެ.

ޝާފިއު ޓްވީޓްގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެރަށުގައި ވަނީ ފަތުރުވެރިންނަށް ދޫކުރުމަށް ކޮޓަރިތަކެއް އަޅާފަ އެވެ. އަދި އެރަށުގައި ރެސްޓޯރެންޓަކާއި ފޫލު ވެސް ހަދާފައިވެ އެވެ.

ބ. އައިދޫގައި ހަދާފައިވާ ގެސްޓް ހައުސްގެ ސުވިމިން ޕޫލް.

އެ ރަށުގައި ހަދާފައިވާ ރޫމުތައް ފަތުރުވެރިންނަށް ވިއްކާ އަގުތައް ވެސް ޝާފިއުގެ ޓުވީޓުގައި ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ޕޫލާއެކު ކޮޓަރިއެއް ދުވާލަކަށް ދޫކުރަނީ 300 ރުފިޔާ އަށެވެ. އަދި ރޭގަނޑު މަޑުކުރާނަމަ ކޮޓަރިއެއް ވިއްކަނީ 800 ރުފިޔާ އަށެވެ.