ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއްއަހަރުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމެކެވެ.

އެ ބޭންކުން ބުނިގޮތުގައި މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ވެސް ލިބޭނެ އެވެ. އަދި އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަ ސަހާ ވަހީދު ވިދާޅުވީ އެ ބޭންކުން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން، ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އަދި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު ތައާރަފް ކުރި މި ޕްރޮގްރާމުގައި މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި މީގެ ތެރެއިން %70 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވާ ކަމަށް ވެސް ސަހާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ. އަދި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 2 ޖުލައި 2023 ގެ ކުރިން އޮންލައިންކޮށް މި ލިންކު މެދުވެރިކޮށް ހުށަހެޅޭނެ އެވެ.