އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ތައާރަފުކޮށްފައިވާ؛ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލައިފި އެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ 6 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިންގ ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް އެލައިޑުން ބުނެ އެވެ.

މިފުރުސަތަށް އެދި އޮގަސްޓް 15 ވަނަ ދުވަހުގެ 4:00ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 4 ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެލައިޑުން ބުނިގޮތުގައި "އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިންގ ޕްރޮގްރާމެކެވެ. މިފުރުސަތަށް އެދި 15 އޮގަސްޓްގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެލައިޑުން ފާހަގަކުރާ ގޮތުގައި ފަންޑިންގ ޕްރޮގްރާމްސްއަކީ ވަރަށް އުއްމީދާއި އެކު އެލައިޑުން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާ، މިފަހަރުގެ ވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބަވާ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ ވެ. އެ

ހެންކަމުން މިޕްރޮގްރާމްސް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖްތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިޔުމަކީ މިޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ. މިޕްރޮގްރާމްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު https://allied.mv/csr އިން ލިބޭނެ ކަމުގައި ފިރުޝާން ވިދާޅުވި އެވެ.

އެލައިޑުން 2018 ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫ.އެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.