ހުޅުމާލޭގައި ހަތް ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް އާބަންކޯއިން އިއުލާނުކޮށްފި އެވެ.

އާބަންކޯއިން ބުނެފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަތް ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި މަޝްރޫއާއި ގުޅޭ ޕްރީ- ބިޑް މީޓިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މިއޮފީސް އިމާރާތް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ މޯލްޑިވްސް ރެޑްކްރެސެންޓުގެ އިމާރާތާއި ޖެހިގެން އޮންނަ ބިމުގައި ކަމަށެވެ. މިބިމުގެ ބޮޑު މިނަކީ 5،262.61 އަކަފޫޓެވެ.

އާންބަންކޯއިން ބުނީ އައު އޮފީސް އިމާރާތް ފަރުމާކޮށްފައި ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ޒަމާނީ އޮފީސް ވަސީލަތްތައް ވެސް ބޭނުންކުރެވޭ ގޮތަށެވެ.

އޮފީސް ހިންގުމަށް ބޭނުންވާ ޖާގައިގެ އިތުރުން ވިޔަފާރީގެ ބޭނުމަށް ހާއްސަ ޖާގަތަކާއި، ވެހިކަލް ޕާކުކުރުމަށް ބޭނުންވާ ޖާގައާއި ޓެރެހެއް ވެސް މި އޮފީސް ޢިމާރާތުގައި ހުންނާނެކަމަށް އާބަންކޯއިން ބުނެ އެވެ.

ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއެކު، އޮފީސްތަކާއި ވިޔަފާރިއާއި އިގްތިސާދީ އެހެނިހެން ހަރަކާތްތައް ހިންގުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އާބަންކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.