މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސަރަޙައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖް މީޑިއާނެޓު އަދި ޕީ އެސް އެމް ގުޅިގެން ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއާއެކު އައިސް ޓީވީ އަދި ޔެސް ޓީވީ މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެ އެވެ.

މީޑިއާނެޓު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކަވަރޭޖް އެގްރީމަންޓްގައި ސޮއި ކޮށްފައިވަނީ މީޑިއާނެޓުގެ ފަރާތުން އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު (ސީއެމްއޯ) ރިއާޔަތު އަބްދުލް މަޖީދު އަދި ޕީއެސްއެމްގެ ފަރާތުން ޕީއެސްއެމް ކަނެކްޓް އެންޑް ޑިޖިޓަލް ބްރޯޑްކާސްޓް ނެޓްވޯކް އޮޕަރޭޝަންސް ޑައިރެކްޓަރު އިބްރާހިމް އިގްބާލެވެ.

މިރަސްމިއްޔާތަށްފަހު ވާހަކަ ދައްކަމުން މީޑިއާނެޓުގެ ސީއެމްއޯ ރިއާޔަތު އަބްދުލް މަޖީދު ވިދާޅުވީ ދިވެހިންގެ މުނިފޫހިފިލިވުމުގެ ބައިވެރިޔާގެ ހައިސިއްޔަތުން ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްތައް މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ގެނެސްދޭ ފަދައިން ސަރަޙައްދީ ވާދަވެރި މުބާރާތްތަކާއި ދިވެހި ފަސްގަނޑުގައި ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތައް ވެސް ދިވެހިންނަށް ފެންނާނެ މަގު ފަހި ކޮށްދިނުމަކީ މީޑިއާނެޓުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ މުބާރާތަކަށްވާއިރު މި މުބާރާތް ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި މީޑިއާނެޓަށް ބޮޑު ދައުރެއް އަދާ ކުރެވޭކަމީ އެކަމާ ވަރަށް ބޮޑަށް އުފާކޮށް ފަޚްރުވެރިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

މުބާރާތުގެ ފުރަތަމަ މެޗުތައް މާދަމާ ކުޅެވިގެންދާއިރު ފުރަތަމަ މެޗުގައި މެންދުރު 3:00 ގައި ވާދަކުރާނީ މުބާރާތުގައި އަލަށް ވާދަކުރާ ކުވެއިތް އަދި ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ރަނަރަޕް ޓީމް ނޭޕާލެވެ. މާދަމާގެ ދެވަނަ މެޗަކީ ވަރުގަދަ މެޗަކަށްވާނެކަން ޔަގީނެވެ.

ދާޚިލީ ހަމަނުޖެހުމެއްގައި އަހަރުތަކެއް ހޭދަކޮށްފައިވާ ކުޅިވަރުގައި ވާދަވެރި ދެ ޓީމު ކަމުގައިވާ އިންޑިއާ އަދި ޕާކިސްތާނުގެ ދެޓީމުގެ ކުރިމަތިލުން ފެށޭނީ ރޭގަނޑު 7:00 ގަ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު 3 ވަނަ ފަހަރަށް މުބާރާތުގެ ގޯލްޑް މެޑަލް ހޯދުމުގެ އުންމީދުގައި ނިކުންނައިރު، ރާއްޖެ ޓީމްގެ ފުރަތަމަ މެޗު އޮންނާނީ 22 ޖޫން ވާ ބުރާސްފަތި ދުވަހު 19:00 ގައެވެ. މި މެޗުގައި ރާއްޖޭގެ ޓީމު ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ.