އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތަކުގައި އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމީ އީދު ބަންދާ ދިމާކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރާ ދުވަސްވަރަކަށް ވާތީ ކަމަށެވެ.

އެގޮތުން އީދު ބަންދުގައި އެތެރޭގެ އުދުހުންތަކުގައި އިތުރު 23 ފްލައިޓް ބާއްވާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަން އިން އީދު ބަންދާ ދިމާކޮށް އިތުރު ދަތުރުތައް ބާއްވަނީ މިމަހުގެ 22 އިން ފެށިގެން ޖުލައި 3 ގެ ނިޔަލަށެވެ. އިތުރު ދަތުރުތައް ބާއްވާ މަންޒިލްތަކުގެ ތެރޭގައި މާފަރު، ކައްދޫ، އިފުރު، ހޯރަފުށި، ފަރެސްމާތޮޑާ ފުވައްމުލައް، ފުނަދޫ، މާވަރުލު އަދި މަޑިވަރު ހިމެނެ އެވެ.

ބައިނަލްއަގުވާމީ ދަތުރުތަކަށް ބަލާއިރު އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބަނގްލަދޭޝްގެ ޑާކާއަށްވެސް އީދު ބަންދާއި ދިމާކޮށް އިތުރު ދަތުރުތައް ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އީދު ބަންދުގައި ބ. ފުޅަދުއަށް ސީ ޕްލޭން ދަތުރުތަކެއް ވެސް ބޭއްވުމަށް މޯލްޑިވިއަނުން ވަނީ ނިންމައިފަ އެވެ. އެ ދަތުރުތައް ބާއްވާނީ މިމަހުގެ 26، 27، 29 އަދި ޖުލައި އެއްވަނަ ދުވަހު އެވެ.